Sunday, May 18, 2014

             ޝައުޤުވެރިކަމާ ގުޅޭ ތިއަރީތައް

ކަމަކަށް ޝައުޤުވެރި ވުމަކީ ވަކިކަހަލަ ކަންތައްތަކެއް ޙާޞިލްކުރުމަށް ބޭނުންވުން ނުވަތަ ވަކިކަމަކަށް ގަޔާވުން ހިތުގައިއުފެދުމެވެ. ޝައުޤުވެރުކަމަކީ ވަކިކަމެއް ނުވަތަ ލަނޑުދނޑިއެއް ޙާޞިލްކުރުމަށްޓަކއި އެދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞީލް ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރެކެވެ. ކިޔަވައިދިނުމުގައި ދަރިވަރުންގެ ސަމާލުކަން ހޯދުމަށްޓަކައި ފިލާވަޅު ޝައުޤުވެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޝައުޤުވެރިކަން އުފެދި ފާޅުވާ ގޮތާމެދު އެކި ތިއަރިސްޓުން ދެކޭގޮތް ތަފާތެވެ. އެގޮތުން ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާގައި މީހުންގެ ކިބައިން ފެންނަ ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުހީބުދިނުމާއި ހިތްވަރުދިނުމުގެ މައްޗަށެވެ. ކުދިންކުރާ ރަނގަޅު ކަންތައްތައް ތަކުރާރު ކުރުމުގެ ޝައުޤުވެރިކަން އުފެއްދުމަށްޓަކައި އެކުދިން ކުރާ ކަންތައްތަކަށް ތަރުހީބުދީ ހިތްވަރު ދޭންޖެހެއެވެ.  މިނަޒަރިއްޔާގައި ފާހަގަކޮށްފައިވާ "އޮޕަރަންޓް ކޮނޑިޝަނިން" ނުވަތަ ސުލޫކުވަކި ގޮތަކަށް ބަދަލުކުރުން ގުޅިފައިވަނީ ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށެވެ. މިސާލަކަށް އިސްލާމް ކިޔަވާހިތްވުމާއި ނުވުން ކުރިން ކުރެވިފައިވާ ތަޖްރިބާއެއްގެ މައްޗަށް ބަލާފައި ބަދަލުއާދެއެވެ.
ސޯޝަލް ކޮގްނަޓިވް ތިޔަރީގައި ކަންކަން ދަސްކުރާނީ ތިމާ ވަށައިގެންވާ މާހައުލުން ކަންތައްތައްް ބަލައިގެން ،ނަކަލުކޮށްގެން، ފެނިގެން ނުވަތަ  މީހުންގެ ތަޖުރިބާތައް އަޑުއަހައި ދެނެގަނެގެންނެވެ.  މިގޮތައް ތިމާ ވަށައިގެންވާ މާހައުލުން އުގެނި ދަސްކުރާއިރު އެކަންކަން ގުޅުވާލަނީ ޝައުޤުވެރި ކަމާއެވެ. މިތިއަރީގައި ކުދިންގެ ޝައުޤުވެރިކަން ކަންކަމަށް އުފެދޭ އެއްގޮތަކީ ކުރިންއެހެން މީހަކަށް ކުރެވިފައިވާ ތަޖުރިބާއަކުން ދަސްކުރާ ދަސްކުރުމެވެ. އެކަމުން ވަކި ސުލޫކަކަށް ޝައުޤުވެރިވެ ގަޔާވުން އުފެދެއެވެ. މިސާލަކަށް އާއިލާގެ ދައްތަޔަކު އޯލަވެލްއުން އެއްވަނަ ލިބުމުން ދައްތަޔަށް ލިބުނު އިނާމާއި، އުފާވެރިކަންފެނި ތަޖުރިބާ ކުރެވުމުން، ކޮށްކޮށްވެސް ކިޔެވުމަށް ޝައުޤުވެރިކަން އުފެދި ކުރިޔަށް ވުރެން ރަނގަޅަށް ކިޔެވުމަށް މަސއްކަތްކުރުމަށް އަޒުމްކަނޑައެޅުމެވެ.
ހިޔުމަނިސްޓުން ދެކޭގޮތުގައި އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ތަފާތު ބޭނުންތަކާއެވެ. މިގޮތުން ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ކުލާސްރޫމުގައި ކުރެވިދާނެ 2 ކަމެއް މިތިއަރީގައި ފާހަގަ ކޮށްފައިވެއެވެ. އެއީ ދަރިވަރާއި މުދައްރިސުގެ ހަރުދަނާ ގުޅުމާއި އަދި ކުލާހުގެ މާހައުލުގެ ހަރުދަނާކަމާއި ރަނގަޅުކަމެވެ. މިއީ ކޮންމެ ޓީޗަރަކަށްވެސް ކުދިންގެ ޝައުޤުވެރިކަން ހޯދުމަށް ކުރެވިދާނެ ކަންކަމެވެ.
ކޮގްނިޓިވް ނަޒަރިއްޔާތުގައި ޝައުޤުވެރިކަން ގުޅިފައިވަނީ މީހުން ޤަބޫލުކުރާ ކަންކަމާއި، ޙާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި އަދި ވިސްނުން ކަނޑައެޅިފައިވާ ގޮތުގެ މައްޗަށެވެ. މިތިއަރީގެ ދަށުންއަންނަ ތަފާތު 4 ތިއަރީއެއް ވެއެވެ. އެއީ އެކްސްޕެކްޓެންސީ، ސެލްފް އެފިކަސީ، ގޯލް އެން ގޯލް އޮރިއެންޓޭޝަން އަދި އެޓްރިބިއުޝަންއެވެ.


1 comment:

  1. ވަރަށް ރަނގަޅު ލިއުމެއްކަން ފާހަގަކުރެވެއެވެ

    ReplyDelete